އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވި މި ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާން ޓިކެޓް ކަށަވަރު ކުރެއްވީ 226 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 727 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މާލެ އާއި ހިތަދޫގައި ވަނީ ވޯޓުފޮށި ބަހައްޓާފައެވެ. މާލޭ ފޮށިން ސިނާން 59 ވޯޓު ހޯއްދެވިއިރު، ސައީދަށް ލިބުނީ 37 ވޯޓެވެ. އަދި ހިތަދޫގައި ބެހެއްޓި ފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު، ސައީދަށް ލިބިވަޑައިގަތީ 150 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބު އޮންނާނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.



