މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ “ވިލުންވެރި ކަނބަލުން” ޕްރޮގްރާމްގެ އައު ބުރެއް މިއަހަރު ބޭއްވުމަށް ނިންމައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.
2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރު 323 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ “ޑޮމެސްޓިކް އެޕްލައެންސަސް” މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ.
އެމްއައިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 7 މެއި 2026 ގައެވެ. މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 3 މެއި 2026 އެވެ.
އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ މިފަދަ ކަންކަމަށް ފުރިހަމަ އެއްބާރުލުން އެޗްޑީސީން ދެމުންގެންދާނެއެވެ.



