ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. މިކަން ހާމަކުރައްވައި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވަނީ މިއަދު ނޫސްބަޔާނެއް ނެރުއްވާފައެވެ.
މި މަޤާމަށް ޢައްޔަނު ކުރެއްވި ތިން ބޭފުޅުންނަކީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއި، އަލްފާޟިލް ޠާރިޤު އިބްރާހީމް އަދި އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދުއެވެ. މި ބޭފުޅުންނަކީ ޚާރިޖީ ދާއިރާގެ މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާފައިވާ ބޭފުޅުންނެވެ.
ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް މި ބޭފުޅުން ޢައްޔަނު ކުރެއްވީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންގެ ގޮތުގައި ކަމަށެވެ. އަދި މިއީ އަލަށް އުފައްދަވާފައިވާ މަޤާމުތަކެއް ނޫންކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބަޔާނަކީ ބައެއް މީޑިއާތަކަށް މިކަމުގެ މަޢުލޫމާތު ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވައިދިނުމަށް ނެރުއްވި ބަޔާނެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.



