ސިޓީތަކުގެ ނަތީޖާއަށް ބަލައި ޕީއެންސީ ބަލިވި ކަމަށް ނުބެލެވޭނެ ކަމަށާއި، މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު ތަފާތު ބޮޑުކޮށް ކުރިހޯދި ޕާޓީއަކީ ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ބ. ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ސިޓީތަކުން ބޭނުންވި ނަތީޖާ ނުލިބުމަކީ ހިތާމަކުރާ ކަމެއް ނަމަވެސް، އެކަމާ ކަންބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ރަނގަޅު ގޮތެއް އޮންނާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި ކެންދޫން މިފަހަރު ޕީއެންސީން ހޯދީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ވެސް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. .
ބ އަތޮޅުގެ ސިޔާސީ މަޝްރަހަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، މީގެކުރިން އޭދަފުށި ފިޔަވައި އެ އަތޮޅުގެ އެހެން ރަށްރަށުން ޕީއެންސީއަށް ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، މިފަހަރު އަތޮޅުގެ 11 ރަށެއްގެ ގޮނޑިތައް ޕާޓީން ކާމިޔާބު ކޮށްފައިވާ ކަމަށެވެ. މިއީ އަތޮޅުގެ ސިޔާސީ މަންޒަރު ބަދަލުވެފައިވާ ކަމުގެ ހެތްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.



