ފޭކް ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީގެ މައްޗަށް ވައްކަމުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އަނޫފްގެ މައްޗަށް ސާބިތުވެފައިވަނީ ސައިކަލެއް ވަގަށް ނެގުމުގެ ކުށާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނެގިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަތައް ކޯޓުގައި ކުރިއަށް ދިޔައިރު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން، މި މައްސަލަ ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ސައިކަލު ވަގަށް ނެގި މައްސަލައިގައި އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި ސައިކަލު މަޑިދަށުން ފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ކޯޓުން އަދަބު ކަނޑައެޅުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އަދަބަށް ލުއިދީފައިވެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، ހުކުމުގެ މުއްދަތުން އުނިކުރެވޭނެ ކަމަށްވެސް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަނޫފް އަކީ ފޭކް ޓްރާންސެކްޝަން ރިސީޓް ނުވަތަ ފޭކް ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މައްސަލަތަކެއްގައި ފުލުހުން މީގެ ކުރިން އާންމުކޮށް ހޯދަން އިއުލާނުކޮށްފައިވާ މީހެއްކަން ފާހަގަކުރެވެއެވެ.



