ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ. ލަންކާގެ ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން ކުރިން ވަނީ ރުހުން ދީފައެވެ. ސޮއިކުރެވުނު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ތައުލީމީ ދާއިރާ، ދިފާއީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން އާކައިިވިން ކޯޕަރޭޝަން ހިމެނެއެވެ.
މީގެ އިތުރުން، ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އަދި ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަނާއި އެކަޑަމިކް ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރައީސްގެ ދެކަނބަލުންނަށް ވަނީ ލަންކާގެ ރައީސް އޮފީހުގައި ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ.



