މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް މިހާތަނަށް ފުރިހަމަ ކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ބިޔަ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކުރަމުން އެ ވުޒާރާއިން ބުނީ މިހާރު ސައިޓުގައި އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އެ ތަކެތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ބްރިޖުގައި ހަރުކޮށް ނިންމާލާފައެވެ. މީގެ އިތުރުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބްރިޖުގެ މަސައްކަތް އޮތީ 29 އިންސައްތައިގައެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި މަސައްކަތުގެ ދުވެލި ވަނީ ބޮޑުތަނުން އަވަސްވެފައެވެ. އެގޮތުން ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަސައްކަތުގެ ދަށުން ކަނޑާއި އެއްގަމުގެ 68 ތަނެއްގައި ޖުމްލަ 263 ޕައިލް ވަނީ ޖަހާފައެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.



