ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހާއްސަ ހިޔާވާ ތަނެއް ނުވަތަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއެސްއާރުގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދު އެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީ އެވެ.
މި މަޝްރޫއުގެ ދަށުން ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީން ފޯރުކޮށްދޭއިރު، އެކަމަށް ބޭނުންވާ ތަކެތި ހޯދައި ޢަމަލީ މަސައްކަތް ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުންނެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެމްއޯޔޫގެ މައިގަނޑު މަގްސަދަކީ ދަރިވަރުން ބަލައި ސްކޫލަށްދާ ބެލެނިވެރިންނަށް އަވިންނާއި ވާރެއިން ސަލާމަތްވެ ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
އެޗްޑީސީން ބުނި ގޮތުގައި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ސްކޫލު ސަރަހައްދުގައި ބެލެނިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ފައިދާހުރި މިފަދަ އިތުރު މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.



