ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ.
މި އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮފީހުން މަޢުލޫމާތު ދެއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާ އެކު ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އިނާމެކެވެ. މީގެ އިތުރުން، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ބަލައި، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ މި ޝަރަފުވެރި އިނާމު އަރުވާނެއެވެ.
މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.



