އައްޑޫ ސިޓީއަކީ ވިޔަފާރީގެ މަރުކަޒަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އެ ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް މި މަހުގެ 13 އަދި 14 ގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ 2027 އިން 2029 އަށް އައްޑޫގެ ވިޔަފާރިތަކަށް ދިނުމަށް ހަމަޖެހިފައިވާ ލުއިތަކާއި އިންސެންޓިވްތަކުގެ މަޢުލޫމާތު ހިއްސާކުރުން ކަމަށެވެ.
މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.
“މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެން މުއައްސަސާތައް ހިމެނޭ،” ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި ‘ފްރީ ޒޯން’ އެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މީގެ ސަބަބުން އައްޑޫގެ ވިޔަފާރި މާހައުލަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



