ފ. ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހިގެން ފަރުވާދެމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޑެލޯވާ (40އ) މަރުވެއްޖެއެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ މި މީހާ މަރުވެފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި ޑެލޯވާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފީއަލީ ސިއްހީ މަރުކަޒާއި ނިލަންދޫ ހޮސްޕިޓަލުގައެވެ. ހާލަތު ސީރިއަސްވުމާ ގުޅިގެން މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވުމުން، ހަށިގަނޑު ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހިފި ހުޅުގަނޑަކުންނެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ މި ހާދިސާގައި ތެޔޮ އުފުލާ ދޯނީގެ އިތުރުން ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏެއް އެއްކޮށް އަނދައި އަޅިއަށް ވެފައިވެއެވެ.
މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ހުރި ރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދައި، ކައިރީގައި އޮތް އާ ފައިބަރު ދޯންޏަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިއީ ފީއަލީގެ ތާރީޚުގައި ވެސް ހިނގި މިފަދަ އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު އެއް ހާދިސާއެވެ.



