1447 ވަނަ އަހަރުގެ ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، ‘މައްކާ ރޫޓު އިނީޝިއޭޓިވް’ ގެ ދަށުން ހަމަޖައްސަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ވަފުދުގެ އިސްބޭފުޅެއް ކަމަށްވާ އޮޕަރޭޝަންސް މެނޭޖަރު ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން 11 މެއި 2026 ގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ހައްޖުވެރިންގެ ދަތުރުފަތުރު ލުއިފަސޭހަކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަޝްރޫއެކެވެ. ރާއްޖޭގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މި ޚިދުމަތުގެ ސަބަބުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކުރިން ރާއްޖޭގައި ތިބެގެން ސައުދީގެ އިމިގްރޭޝަން ކްލިއަރެންސް ނިންމާލެވޭނެއެވެ. މީގެ އިތުރުން ހައްޖުވެރިންގެ ފޮށިތައް ސީދާ އެ ބޭފުޅުން ތިއްބަވާ ހޮޓަލާ ހަމައަށް ގެންގޮސްދިނުމުގެ އިންތިޒާމްވެސް މި މަޝްރޫއުގެ ދަށުން ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި ލުއިފަސޭހަ އިންތިޒާމްތަކަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސައުދީގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެވެ. ދިވެހި ސަރުކާރުން ވަނީ މި ޚާއްސަ އެހީތެރިކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއަށް ޝުކުރު އަދާކުރައްވާފައެވެ.



