ކުރީގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިއަދު ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ނެގި މި ލޯނުތަކަކީ ކުރީ ސަރުކާރުން ނުދައްކާ ރޯލްއޯވާ ކުރަމުން އައި ދަރަނިތަކެއް ކަމަށެވެ. މި ސަރުކާރުން މިހާތަނަށް އޭގެ ތެރެއިން ޖުމްލަ 100 މިލިޔަން ޑޮލަރު ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިއަދު ދެއްކި 50 މިލިޔަން ޑޮލަރުގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް 50 މިލިޔަން ޑޮލަރު ވަނީ ދައްކާފައެވެ.
ލޯނުގެ ބާކީ އޮތް 30 މިލިޔަން ޑޮލަރު މިއަހަރުގެ ސެޕްޓެމްބަރު 17 ގައި ދައްކަން ޖެހޭއިރު، އެ ފައިސާވެސް ދައްކަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
“މިކަންކަން އަޅުގަނޑުމެން މިކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފާއިތުވި 40 ދުވަހުގެ ތެރޭގައި ސުކޫކާއި ސްވޮޕް އަދި އެކި ލޯނުތައް ހިމެނޭހެން ޖުމްލަ 974 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދާ ބެހޭގޮތުން ހަޤީޤަތެއް ނެތް ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތަކާމެދު އެމަނިކުފާނު ހިތާމަފާޅުކުރެއްވިއެވެ.




ނުދެއްކޭނެ ކަމަށް ބައެއް މީހުން ބުނި ފައިސާ އެ އޮތީ ދައްކާފައި