ނޫސްވެރިކަމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ބައެއް ފަރާތްތަކުން ޒާތީ ގޮތުން ދިމާކުރުމާއި ދޮގު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ “އަދަދު” ނޫހުގެ ނޫސްވެރިޔަކު ބައްދަލުވުމުން ބޭރުކޮށްލި ހާދިސާއާ ގުޅިގެންނެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ޖާގަދޭ ކަމަށެވެ. ނަމަވެސް، މަދު ނޫސްތަކަކުން ވާދަވެރި ސިޔާސީ ޕާޓީއެއްގެ އުސޫލުން ރައީސް އޮފީސް ތެރޭގައި ހަޅުތާލުކުރާ ފަދަ ގޮތްގޮތަށް އަމަލުކުރަމުންދާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
“ނޫސް ކޮންފަރެންސްތަކަކީ ޒާތީ ގޮތުން ދިމާކުރުމަށާއި، ދޮގު ވާހަކަ ފެތުރުމަށާއި، ގާނޫނު މުގުރުމަށް ލިބިފައިވާ ފުރުސަތެއް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކުރީގެ އެއްވެސް ސަރުކާރަކަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތު ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ކޮންމެ ހަފްތާއަކު އެއްފަހަރު އެއްވެސް މޮޑަރޭޝަނެއް ނެތި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށެވެ. އަދި ނޫސްވެރިން މި ފުރުސަތުގެ ބޭނުން ހިފަންވާނީ ޝަރުއީ އަދި ގާނޫނީ އަމުރުތަކަށް ހުރުމަތްތެރިކޮށް ހިތަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



