ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ނެރުނު މި ސަމާލަކީ، ރޭ ދަންވަރުން ފެށިގެން އެކި ފަހަރު މަތިން އައު އައި ސަމާލެކެވެ. މެޓް އޮފީހުން އެންމެ ފުރަތަމަ މި ސަރަހައްދަށް ސަމާލު ނެރުނީ ރޭ ދަންވަރު 3:30 ގައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ މި ސަރަހައްދަށް މިއަދު ނެރުނު ތިންވަނަ ސަމާލެވެ.
ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މެޓް އޮފީހުން ދަނީ މެދުނުކެނޑި އެކި ސަރަހައްދުތަކަށް މޫސުމީ ސަމާލުތައް ނެރެމުންނެވެ.



