ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން ހައިވޭގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 22:12 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، ފަހަތުން އައި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. މި ހާދިސާގައި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަޙުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



