ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އެ ބޭފުޅުންނަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
އަބްދުއްރަހީމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުމާއި، ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރުން ފަދަ ކަންކަމަކީ މިހާރު މި ތިން ރައީސުންނަށް “އޯކޭ” ކަންކަން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި، ކަނޑު ވިއްކާލުމާއި، ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ވެސް މިހާރު އެ ބޭފުޅުންނަށް މައްސަލައެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،” އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އެ ބޭފުޅުންގެ އަމިއްލަ އެދުން އިސްކުރައްވައިގެން ނިންމެވި ނިންމެވުމެކެވެ.
ކުރީގެ ތިން ރައީސުން ރޭ ބޭއްވި ބައްދަލުވުމަކީ ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތިން ބޭފުޅުން ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިއީ މި ތިން ބޭފުޅުން މިގޮތަށް އެކުގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ތިން ރައީސުން އެކުވެގެން އުފެއްދި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގާނޫނުއަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެކެވެ



