ގެއްލުނު ފަތުރުވެރިން ހޯދުމަށް ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެ ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ. މަޙުދީ ނިޔާވީ ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި ހިންގި ނުރައްކާތެރި އޮޕަރޭޝަނެއްގެ ތެރެއިން ޑީކޯވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މަޙުދީ ބައިވެރިވި މި “ހައި ރިސްކު” އޮޕަރޭޝަނަކީ ޖުމްލަ 8 ޑައިވަރުންނާއެކު ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ.
މަޙުދީ ނިޔާވުމާ ގުޅިގެން އޭނާގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކެބިނެޓުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ. ސަހަރާގައި މަޙުދީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ގޮތުން 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
މަޙުދީގެ ވަދާޢީ ދަތުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ، އޭނާގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށްފައިވެއެވެ.



