1447 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ހެނދުނު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ފުރި މި ގްރޫޕުގައި ޖުމްލަ 260 ޙައްޖުވެރިން ހިމެނޭއިރު، މި ފްލައިޓު ރާއްޖެއިން ފުރާފައިވަނީ މިއަދު ހެނދުނު 07:10 ގައެވެ. ބެލެވޭ ގޮތުގައި މި ފްލައިޓު ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް މެންދުރު 12:00 ހާއިރު ޖައްސާނެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި އިންތިޒާމުގެ ދަށުން ސަޢުދީގެ އިމިގްރޭޝަން ކަންކަން ރާއްޖޭގައި ފުރިހަމަކުރެވޭތީ، ޖިއްދާއަށް ބޭލުމަށްފަހު ވަގުތުން ބަހުގައި މައްކާއަށް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޖިއްދާއިން ފުރައިގެން ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ތެރޭގައި ހޮޓަލަށް ދެވޭނެ ކަމަށާއި، މިއަދުގެ އެކި ވަގުތުތަކުގައި ޙައްޖުވެރިން ޢުމްރާގެ އަޅުކަން ފުރިހަމަކުރާނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ރާއްޖެއަށް މިއަހަރު ލިބިފައިވާ 1,000 ޙައްޖު ކޯޓާގެ ދަށުން ޙައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސަޢުދިޔާ އެއަރލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.
ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު 268 ޙައްޖުވެރިން ފުރާއިރު، އެންމެ ފަހު ފްލައިޓުގައި އަންގާރަ ދުވަހު 253 ޙައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.



