ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރު ފުރިހަމަކުރި 343 ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް އިސްނަންގަވައިގެން ރާއްޖޭގައި އަލަށް ފެއްޓެވި މުހިންމު މަޝްރޫއެކެވެ.
ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބުރުގައި ރާއްޖޭގެ 112 ރަށަކުން ބައިވެރިން ދަސްވެނިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ބައިވެރިންނާއި 18 އަހަރުން މަތީގެ 230 ބައިވެރިން ހިމެނޭއިރު، ޖުމްލަ ބައިވެރިންގެ ތެރޭގައި ހިމެނެނީ 280 ފިރިހެނުންނާއި 63 އަންހެނުންނެވެ. މި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޅ. މާފިލާފުށީގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މި ޕްރޮގްރާމަށް ޒުވާނުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 1200 ޒުވާނުން ކުރިމަތިލީއިރު، މި އަހަރު 1700 އަށްވުރެ ގިނަ ޒުވާނުން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ދިވެހި ގައުމިއްޔަތާއި، ދީނީ ތައުލީމާއި، ލީޑަޝިޕްގެ އިތުރުން ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސް ފަދަ މުހިންމު ހުނަރުތައް އުނގަންނައިދީފައިވެއެވެ. މިއީ މި ޕްރޮގްރާމުގެ ދެވަނަ ބުރު ކަމަށްވާއިރު، ފުރަތަމަ ބުރުގައި 340 ބައިވެރިން ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ.



