ކޮންގޯ އާއި ޔޫގެންޑާގައި ހަލުވިކަމާއެކު އެބޯލާ ބަލި ފެތުރެމުން ދިޔަ ނަމަވެސް، ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން އިއްޔެ ހާމަކުރި ގޮތުގައި، އެ އޭޖެންސީން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި މި ބަލީގެ ހާލަތު ވަރަށް ގާތުން މޮނީޓަރު ކުރަމުންނެވެ.
ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސްގައި ފެތުރެމުންދާ އެބޯލާގެ އާ ވައްތަރަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅައިފައެވެ. މި ބަލި އެ ގައުމުގައި ފެތުރެން ފެށި ފަހުން މިހާތަނަށް 246 މީހުން ފައްސިވެފައިވާއިރު، 80 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މީގެ އިތުރުން އަވަށްޓެރި ޔޫގެންޑާ އިން ވެސް މިހާތަނަށް ދެ މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.
ބަލީގެ ނުރައްކަލާ ގުޅޭގޮތުން އިރުޝާދު ދެއްވަމުން އެޗްޕީއޭއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުތަކަށް ދަތުރު ނުކުރުން މުހިންމު ކަމަށެވެ. މިއީ ބަލި ފެތުރުން ހުއްޓުވުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރެއެވެ.
ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާގެ އާ ވައްތަރަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާތީ، މި ބައްޔަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެޗްޕީއޭއިން ދަނީ ބަލީގެ ހާލަތަށް އަންނަ ބަދަލުތައް ބަލައި، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދުތައް ފޯރުކޮށްދެމުންނެވެ.



