1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ދާ ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓު މިއަދު ހެނދުނު ފުރައިފިއެވެ. ރާއްޖެ ގަޑިން 09:45 ގައި ފުރި މި ފްލައިޓުގައި 253 ޙައްޖުވެރިން ވަނީ ސަޢުދީއަށް ގޮސްފައެވެ.
މިކަމާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ކުރީގެ ދެ ފްލައިޓުން ދިޔަ ހުރިހާ ޙާޖީން މިހާރު ޢުމްރާގެ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި މިއަދު ފުރި ޙައްޖުވެރިންނަށްވެސް މިއަދު ހަވީރުގެ ވަގުތެއްގައި ޢުމްރާގެ އަޅުކަން ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއްވިއެވެ.
މިއަހަރުވެސް ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ‘މައްކާ ރޫޓް އިނީޝިއޭޓިވް’ ގެ ދަށުން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ގިނަވަގުތު ހޭދަކުރަން ނުޖެހި، ފަސޭހަކަމާއެކު މައްކާއަށް ދަތުރުކުރުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ލިބިގެންދެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ކޯޓާގެ ދަށުން މިއަހަރުވެސް ޙައްޖަށް މީހުން ފޮނުވާފައިވަނީ ފައިސާ ދައްކާފައިވާ ތަރުތީބުންނެވެ.



