މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބަދަލުތަކެއް އައި ނަމަވެސް، ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތައަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމެވެ. މިގޮތުން، މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ސަރުކާރުން ދެމުންދާ ލުއިތަކާ އެކު މަސްވެރި ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ލުއިފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ޖުމުލަ 1,832 އުޅަނދަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށެވެ.
“މިއީ މަސްވެރިންނަށް ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސް ކަނޑުތަކަށް މަސްވެރިން ނިކުތުމަށް ތެލަށް ލުއި ދެއްވުމަށް ކުރައްވާ ކަމެއް” ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން، އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ތެޔޮ ދޫކުރާ މިންވަރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން:
- 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު
- 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު
- 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު
މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި އުސޫލުގެ ސަބަބުން މަސްވެރިންނަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބި، ސިނާއަތުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.



