މިއަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް އެދުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން މިއަދު ހުޅުވާލައިފިއެވެ.
ޑީޕީއީ އިން ވިދާޅުވީ މިއަހަރުގެ ފެބުރުވަރީ އަދި މާރިޗު މަހު ބޭއްވި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގައި އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ފަރާތްތަކަށް، ޚާއްޞަ ގޫގުލް ފޯމެއް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ނަތީޖާ ރީޗެކް ކުރުމަށް ނުވަތަ “އެންކުއަރީސް އެބައުޓް ރިސަލްޓްސް” އަށް ފީ ދައްކަން ޖެހެނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ޑީޕީއީ އިން އިރުޝާދު ދެއްވާފައިވާ ގޮތުގައި، ފައިސާ ދެއްކުމަށްފަހު ލިބޭ ރިސިޕްޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން ނަތީޖާ ސްލިޕުގެ ކޮޕީ ފޯމާއެކު އެޓޭޗް ކުރަން ޖެހޭނެއެވެ.
މިއަހަރު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިހާރު ދޫކުރަން ފަށާފައިވާއިރު، މިފަހަރުގެ އިމްތިހާނުގައި ޖުމްލަ 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި މާލޭގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރު ހިމެނޭހެން ޖުމްލަ 267 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.



