ވ. އަތޮޅުގެ މަޝްހޫރު ޑައިވް ސައިޓެއް ކަމަށްވާ “މިޔަރު ހޮހޮޅަ” އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ތެރެއިން ފަހު ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ. މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވެސް ވަނީ އެ ސަރަހައްދުން ނަގާފައެވެ.
އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ “ތިންވަނަ ކަނޑު” ނުވަތަ “މިޔަރު ހޮހޮޅަ” އަށް ފަސް ޑައިވަރުން ފީނަން ފައިބާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ކަނޑުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުން މި ހޮހޮޅައަށް ފޭބި މީހުންގެ ތެރޭގައި ހިމެނެނީ މޮނިކާ މޮންޓެފަލްކޯން (52އ)، ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މީގެ ތެރެއިން ޖިއަންލުކާ އަކީ އެ ގްރޫޕުގެ ޑައިވް އިންސްޓްރަކްޓަރެވެ.
މި ހާދިސާ ހިނގި ދުވަހު ޖިއަންލުކާގެ ހަށިގަނޑު ވަނީ ކަނޑުގެ 50 މީޓަރު އަޑިން، ހޮހޮޅަ ކައިރިން ފެނިފައެވެ. ބާކީ ތިބި ހަތަރު މީހުން ތިބީ ހޮހޮޅައިގެ ތެރޭގައި ކަމަށް ބެލެވުނު ނަމަވެސް، އެމީހުން ނެގުމުގެ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު، ސާޖެންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
އިޓަލީގެ ތަޖުރިބާކާރުންގެ ޖަމިއްޔާއެއް ކަމަށްވާ “ޑޭން” އިން ހަމަޖައްސައިދިން ފިންލޭންޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު އޮޕަރޭޝަން އަލުން ފެށިއިރު، ހޯމަ ދުވަހު ވަނީ ގެއްލުނު މީހުންގެ ހަށިގަނޑުތައް ހޮހޮޅަ ތެރޭގައި ހުރިކަން ކަށަވަރުކޮށްފައެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ހުރިހާ ހަށިގަނޑުތަކެއް މިހާރު ވަނީ ކަނޑުގެ އަޑިން ނަގައި ނިންމާފައެވެ.



