މި އަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތަކުގެ ތަފްސީލު އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 27 ވާ އާދީއްތަ ދުވަހު ކުރާ އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.
މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޯޅަދަނޑުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް އަދި ފޭސް ދޭއްގައި ކުޅިވަރު އެކުވެނި (ސްޕޯޓްސް ކޮމްޕްލެކްސް) ސަރަހައްދުގައި ބޮޑު ޖަމާއަތް އޮންނާނެއެވެ.
މައިދާންތަކުގެ އިތުރުން މާލެ އާއި ރަށްތަކުގެ ގިނަ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ 17 މިސްކިތަކާއި، ވިލިމާލޭގެ ދެ މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ ފަސް މިސްކިތެއް އަދި ފޭސް ދޭއްގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ކޮންމެ އަހަރަކު ވެސް އަޟްހާ އީދާއި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަކީ ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބޭ ކަމެކެވެ. މި އަހަރު ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.



