އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ތާއީދު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕޭން ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ޝިޔާމް ވަނީ އައްޑޫގެ ތަރައްގީއަށްޓަކައި މި ގޮނޑި ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޝިޔާމް ވިދާޅުވީ އައްޑޫގެ ތަރައްގީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގައި ސަރުކާރާ އެކު ސާބިތުކަމާއެކު މަސައްކަތް ކުރާނެ މެންބަރަކު މަޖިލީހުގައި ހުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކުރިން ވެސް އެ ގޮނޑީގައި ހުންނެވީ ޕީއެންސީގެ ބޭފުޅެއް ކަމަށާއި، އެއީ ދަރަނީގެ މައްސަލައެއްގައި މިދިޔަ މަހު ގޮނޑި ގެއްލުނު މުހައްމަދު ސިނާންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، “މި ގޮނޑި އަށް މިހާރު ވެސް ކުރިމަތިލައްވައިގެން މި ހުންނެވީ ވަރަށް ހިދުމަތްތެރި ބޭފުޅެއް. އަދި އޭނަ (ސޮޑާ) އަކީ އައްޑޫގެ ތަރައްގީ އަށް މުހިއްމޫ ކޮންކޮން ކަންތައްތަކެއްތޯ ސަރުކާރާ ހަމައަށް ގެންދިއުމުގައި ވެސް އަދި ސަރުކާރުން މި ކުރާ މަސައްކަތްތަކުގައި ސަރުކާރާ އެކީގައި ރަނގަޅަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް އެއީ.” މިކަމަށް އައްޑޫގެ ހުރިހާ ރައްޔިތުން ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު ސައީދު (ސޮޑާ) އަކީ މި ބައި-އިލެކްޝަނަށް ކެންޑިޑޭޓަކު ހޮވުމަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި ސިނާނާ ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓެވެ. ނަމަވެސް، ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ޕާޓީން ވަނީ ފަހުން އޭނާގެ އަތުން ޓިކެޓް އަތުލައި، ސޮޑާއަށް ޓިކެޓް ދީފައެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. މި އިންތިހާބަކީ އައްޑޫ ސިޓީގެ ސިޔާސީ ބާރުވެރިކަމަށް ދެ ޕާޓީން ވެސް ބޮޑު އަހަންމިއްޔަތުކަމެއް ދޭ އިންތިހާބެކެވެ.



