މިއަހަރުގެ ޙައްޖުގެ މުޤައްދަސް އަޅުކަން ފެށެން ކުޑަތަންވެފައިވާއިރު، މައްކާއާއި މަޝާއިރުގެ ބިންތަކުގެ ހޫނުމިން އާދަޔާޚިލާފަށް މަތިވަމުންދާކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މިހާރުވެސް މައްކާގެ ހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ޙައްޖުގެ ދުވަސްތަކުގައި މިއަދަދު 45 ޑިގްރީއަށްވުރެ މައްޗަށް އަރާނެކަމަށް ބެލެވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރާ ގޮތުގައި މި ދުވަސްވަރު މައްކާއަށް ގަޑިއަކު 23 މޭލު ބާރުމިނުގައި ވައިޖެހެމުންދިޔަ ނަމަވެސް، ޖައްވުގެ ހޫނުކަމުގެ ސަބަބުން ވައިގައިވެސް ހޫނުކަން ހިފާފައި ހުރުމުން އިހުސާސުކުރެވޭ ހޫނުމިން ވަނީ އިތުރަށް މަތިވެފައެވެ. އަދި ވައިގަދަވުމުގެ ސަބަބުން ޖައްވުގައި ހިރަފުހުގެ އަސަރު ހުންނާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފިނިހޫނުމިން އާންމުކޮށް ހުންނަނީ 32 ޑިގްރީ ސެލްސިއަސްގައެވެ.
ދުވާލުގެ ވަގުތުތަކުގައި އެންމެ ބޮޑަށް ހޫނުގަދަވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އާ ދެމެދުގައެވެ. އެހެންކަމުން މި ގަޑިތަކުގައި ބޭރަށް ނިކުތުން ވީހާވެސް މަދުކުރުމަށް ސައުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުމަށާއި، އަވިން ސަލާމަތްވުމަށް ކުލަ އަލި ކުޑަ ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.
ފާއިތުވި 2024 ވަނަ އަހަރަކީ ޙައްޖު މޫސުމުގައި ރެކޯޑް މިންވަރަކަށް ހޫނުގަދަވި އަހަރެކެވެ. އެ އަހަރު ހޫނުމިން 51 ޑިގްރީއަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން 1000 އަށްވުރެ ގިނަ ޙާޖީން ވަނީ ނިޔާވެފައެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ސަން ކްރީން ބޭނުންކުރުމާއި، އިޙުރާމުގައި ނުހުންނަ ވަގުތު ތޮފި އެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ޙައްޖަށް ސައުދީ ސަރުކާރުން ވަނީ ތާރީޚުގައިވެސް ނުދެކޭ ފަދަ ވަރުގަދަ ފިނިކުރުމުގެ ނިޒާމުތަކެއް ޤާއިމުކޮށްފައެވެ. އެގޮތުން ޢަރަފާތުގެ ފިނިކުރާ ސަރަޙައްދު 5 ގުނަ ބޮޑުކޮށް، 270 ހާހަށްވުރެ ގިނަ އަކަ މީޓަރުގެ ސަރަޙައްދެއް ވަނީ ފިނިކޮށްފައެވެ. ޢަރަފާތު ފަރުބަދަ ހިމެނޭ ސަރަޙައްދުގައި އެކަނިވެސް 18 ހިޔާގަނޑާއި 140 އަށްވުރެ ގިނަ ފެން ވިއްސާ ފަންކާ ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން، މިނާއާއި ޢަރަފާތް އަދި ޙަރަމްފުޅު ވަށައިގެން 400 އަށްވުރެ ގިނަ ކޫލިންގ ސްޓޭޝަންތައް ވަނީ ހަދާފައެވެ. އަދި ބިންމަތީގެ ހޫނުމިން 20 ޑިގްރީއަށް ދަށްކޮށްދޭ ޚާއްޞަ ހުދުކުލައިގެ ހީޓް-ރިފްލެކްޓިވް މަގުތައްވެސް ވަނީ ތައްޔާރުކޮށްފައެވެ. އަންނަ އަހަރުން ފެށިގެން ޙައްޖު މަސް މަޑުމަޑުން ސައުދީގެ ފިނި މޫސުމާ ދިމާވާނެކަމަށް މޫސުމީ ރިޕޯޓްތައް ބުނެއެވެ.



