ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރާ ގުޅިގެން އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ވިދާޅުވެއްޖެއެވެ.
ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޮޑާ ވިދާޅުވީ، މަޖިލިސް މެންބަރުން މަސައްކަތް ކުރަންވާނީ ވަކި ޕާޓީއެއްގެ ކުރިއެރުމަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި މެންބަރުންގެ އަމާޒަކަށް ވާންޖެހޭނީ އެ މީހަކު ނިސްބަތްވާ ދާއިރާއާއި މުޅި ސަރަހައްދުގެ ތަރައްގީ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތަކަށް އެއްބާރުލުން ނުދީ ހަމައެކަނި ފާޑުކިޔުމަކީ ގޯހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސޮޑާ ވިދާޅުވީ، ރައްޔިތުން ބޭނުންވި މުހިއްމު ކަންތައްތަކެއް އޭނާ ކޮށްދެއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އުތުރު ދާއިރާގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ސޮޑާ ދެއްވިއެވެ. އޭނާ ވިދާޅުވީ ދާއިރާގެ ތަރައްގީއަށް ކުރެވުނު ގިނަ ކަންކަމަކީ އޭނާގެ އިސްނެގުމުގެ މަތިން ކުރެވުނު ކަންކަން ކަމަށާއި، ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ދައުރުގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ސޮޑާ އިތުރަށް ވިދާޅުވީ އޭނާގެ އަމާޒަކީ ރައްޔިތުންނަށް ޚިދުމަތްކޮށް، 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ވޯޓު ހޯދަން ވަޑައިގަތުން ކަމަށެވެ.



