ކުރިއަށް އޮތް އީދު ބަންދާއި ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުފަތުރުކޮށް އެއްވެ އުޅޭ ދުވަސްވަރަކަށް ވާތީ، ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ، ބަލިތައް ފެތުރުން ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ އަލާމާތެއް ފެންނަނަމަ، ގޭގައި މަޑުކުރުމަށާއި އާންމު އެއްވުންތަކަށް ނުދިއުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ޞިއްޙީ ފަރުވާ ހޯދަންދާއިރު މާސްކު އެޅުމަށާއި، ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވެސް ވަނީ އެދިފައެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ގޭގެއާއި ގޯތިތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށާއި، ބަންދު ތަންތަނާއި މީހުން ގިނަ ތަންތަނުގައި މާސްކު އެޅުމުގެ އިތުރުން ގިނަގިނައިން އަތް ދޮވުމަކީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ މުހިއްމު ކަންކަން ކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އާންމު ޞިއްޙަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށް ވެސް އެ އެޖެންސީން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



