ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރި ދެ ފަންގިފިލާގެ އިމާރާތުގައި އައު ޔުނިޓެއް ހުޅުވައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތު ދެއްވާގޮތުގައި، ހުޅުމާލެ ޖަލުގެ 6 ވަނަ ޔުނިޓުގެ ގޮތުގައި ބޭނުންކުރާ މި އިމާރާތަކީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން މާލޭ ސަރަޙައްދުގައި ފަންނީ މަސައްކަތްކުރާ ޤައިދީން ބޭތިއްބުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ.
މި މަސައްކަތާ ގުޅޭގޮތުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. ޖުމްލަ 5 ގޮޅީގެ މައްޗަށް އެކުލެވޭ މި ޔުނިޓުގެ މަސައްކަތް އެއްކޮށް ނިމުމުން 140 ޖާގަ އިތުރުވާނެ ކަމަށާއި، މުޅި މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުނިޓް 6 ގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ޖާދުﷲ ވިދާޅުވީ، މީގެ ތެރެއިން އެއް ގޮޅީގެ މަސައްކަތް ނިމި މިހާރު ވަނީ ބޭނުންކުރަން ފަށާފައި. އެއީ 16 މީހުންގެ ޖާގައިގެ ގޮޅިއެއް. ބާކީ ހުރި 4 ގޮޅި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މި ޔުނިޓްގައި ގައިދީންނަށް ބޭނުންވާ އަސާސީ ވަސީލަތްތަކުގެ އިތުރުން އޭސީ އާއި ފަންކާ އަދި ނަމާދުކުރާ ކޮޓަރިއާއި މެސް ރޫމް ފަދަ ޚިދުމަތްތައް ވަނީ ޤާއިމްކޮށްފައެވެ.
މި އައު ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ކަރެކްޝަންސްގެ މުވައްޒަފުންނާއި ގައިދީން ގުޅިގެން ކުރަމުންދާއިރު، މިއީ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ޖަލުތަކުން ޖުމްލަ 400 ގައިދީންގެ ޖާގަ އިތުރުކޮށްފައިވާކަން ކަރެކްޝަނަލް ސަރވިސުން ފާހަގަކުރެއެވެ.



