ޙައްޖު ދުވަހަކީ ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމުގެ އިތުރުން މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންދާ މަތިވެރި ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. 1447 ވަނަ އަހަރުގެ ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމައާއި ޘަވާބަށް އެދިވަޑައިގެން ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި މި މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ. އެމަނިކުފާނުގެ މެސެޖުގައި މި ބަރަކާތްތެރި ދުވަހުގެ މަތިވެރިކަން ފާހަގަކުރައްވައި، މުޅި އިސްލާމީ އުންމަތަށް ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.
ޙައްޖު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މުޅި އިސްލާމީ އުންމަތަށް މި ދުވަހުގެ އަޖުރާއި ރަޙްމަތް ލިބުމަށް އެދި ދުޢާކުރައްވާފައިވެއެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، އެންމެ ޙާޖީއަކު ފިޔަވައި ދިވެހި ހުރިހާ ޙައްޖާޖީން މިވަގުތު ތިބީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތު ބިމުގައެވެ. ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅު ކަމަށް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.



