އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކަމާބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.
މި ސެޝަންގެ މައިގަނޑު އެއް އަމާޒަކީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމަށް ޒިންމާވާ ތިން ވޯކިންގ ގްރޫޕުގެ މަސައްކަތު ތާވަލާއި ޕްލޭންތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ބަޖެޓު މުރާޖަޢާކުރުމާއި، އިދާރީ އަދި ހިންގުމުގެ ކަންކަމުގެ އިތުރުން، އައިޕީސީސީގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާމެދު މި ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުދި އަދި ބިންތިރި ޖަޒީރާ ޤައުމެއްގެ ގޮތުން މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ރާއްޖެއަށް، ސައިންޓިފިކް ހޯދުންތަކާއި އެސެސްމަންޓްތަކަކީ މޫސުމީ އަސަރުތައް ދެނެގަތުމަށާއި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ނުހަނު މުހިންމު ކަންކަމެވެ.
އެހެންކަމުން، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއި، ސައިންޓިފިކް ޢިލްމު ފުޅާކުރުމުގެ އިތުރުން މޫސުމީ ސިޔާސަތުތައް އެކުލަވައިލުމުގައި އިތުބާރުހުރި ދިރާސާތަކަށް ބިނާކުރުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޖަޒީރާ މުޖުތަމަޢުތަކުގެ ވިލުންތެރިކަން އިތުރުކޮށް، ނާޒުކުކަން ކުޑަކުރުމަށްޓަކައި ހެއްކާއި ޤަރީނާގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ފެންވަރުގެ މޫސުމީ ޙަރަކާތްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ރާއްޖެއިން ދެކެއެވެ.



