މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ކުރައްވާނެ ޚަތީބުންގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ހުސްބިންތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، މި ނަމާދުތައް ފެށުމަށް ތާވަލުކޮށްފައިވަނީ ޢީދު ދުވަހުގެ ހެނދުނު 7:00 ގައެވެ.
މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބާއްވާ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާނީ އައްޝައިޚް އަބްދުﷲ ސަޢުދާން އެވެ. އިސްލާމީ މަރުކަޒުގައި އައްޝައިޚް މުހައްމަދު ލަތީފް ޢީދު ނަމާދު ކުރައްވާއިރު، ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން އެވެ. މީގެ އިތުރުން ވިލިމާލޭ ފުޓުބޯޅަ ދަނޑުގައި ބާއްވާ ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާނީ އަލްޤާރީ އަހުމަދު ރިޔާޟް އެވެ.
ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި އައްޝައިޚް ނަސްރުﷲ އަލީ އިމާމުވެ ނަމާދު ކުރައްވާއިރު، ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި ޢީދު ނަމާދު ކުރައްވާނީ އަލްހާފިޡް މުހައްމަދު ޙަނޫން ހުސައިން އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މި ސަރަހައްދުތަކުގައި ޢީދު ނަމާދަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކުރިއަށް ނުގެންދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މާލެ ސަރަހައްދުގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތަށް ނިންމާފައިވަނީ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތަށް ތައްޔާރުވަމުންދާއިރު މޫސުމަށް އަތުވެދާނެ ބަދަލަކަށް ރިއާޔަތްކޮށް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.



