އީދުގެ އެކި ހަރަކާތްތައް ރާވައި ހިންގުމުގައި އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމުގެ މުހިންމުކަމަށް ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި މިއަދު އިއްވި އީދު ޚުތުބާގައި އަލިއަޅުވާލައިފިއެވެ. މިއަދުގެ ޚުތުބާގައި އީދަކީ އުފާފާޅުކުރުމުގެ ދުވަހެއް ކަމުގައި ވިޔަސް، ހުރިހާ ކުޅިވަރުތަކެއްވެސް ކުރިއަށްގެންދަންވާނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ކަމަށްވަނީ ހަނދާންކޮށްދީފައެވެ.
އީދު ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން الله އަށް ބިރުވެތިވެ، ދީނާ ފުށުއަރާ އެންމެހާ ކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ އިރުޝާދުދީފައެވެ. ދީނީ އަދި އަޚްލާގީ މިންގަނޑުތަކުން ބޭރުނުވެ، އީދުގެ އުފާވެރިކަން ހާސިލުކުރުމަށް މުސްލިމުންނަށް ވަނީ ގޮވާލާފައެވެ.
މުޖުތަމައުގައި ދިރިއުޅޭ ބިދޭސީންނަކީވެސް އީދުގެ އުފަލުގައި ބައިވެރިކުރަންޖެހޭ ބައެއްކަން ފާހަގަކޮށް، އެމީހުންނަށް އޯގާތެރިވުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް، އެފަރާތްތަކަށް ހެޔޮ ދުއާކުރުމަކީ މިއަދު ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތަކީ ގިޔާމަތް ދުވަސް ހަނދާންކޮށްދޭ މަންޒަރެއްކަމަށް ސިފަކުރައްވައި، އެކަކު އަނެކަކަށް މާފުކުރުމުގެ މުހިންމުކަން ޚުތުބާގައި ބަޔާންކުރިއެވެ. ބޮޑާކަމާއި ހަސަދަވެރިކަމުން ހިތްތައް ސާފުކޮށް، އެކަކު އަނެކަކާ ސަލާމްކޮށް، ގުޅުން ބަދަހިކުރުމަށް މިއަދުގެ ޚުތުބާގައި މުސްލިމުންނަށް އިލްތިމާސްކޮށްފައިވެއެވެ.



