ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިން ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫއު މިއަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. މި މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދަނީ ޖުމްލަ 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، މަގުތަކުގައި ގައު އެތުރުމުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ޒޯން 1 އިން ފެށިގެން ޒޯން 6 އާ ހަމައަށް ހުރިހާ މަގުތަކެއްގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ރީތިގަސް މަގު ހިމެނޭ ޒޯން 7 ގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ.
މަގުތައް އަލިކުރުމަށްޓަކައި ހިންގާ މަގުބައްތި ހަރުކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، ބާކީ ހުރި ބައްތިތައް ހަރުކުރެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ. މީގެއިތުރުން، މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތައް ހެދުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެއެވެ.
އެފްޑީސީން ތަރައްޤީކޮށްފައިވާ 16 ފަންގިފިލާގެ 32 ޓަވަރުގައި ހިމެނޭ 4000 ހައުސިން ޔުނިޓުގެ ތެރެއިން ‘އަމާން ދޯދި’ އަދި ‘އަމާން އުދަރެސް’ ފްލެޓްތަކަށް މިހާރު މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އެ ސަރަހައްދުގައި ގަސް އިންދުމާއި، އަލަށް ބަދަލުވާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
މި އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދަނީ ފެނާއި ކަރަންޓުގެ ޚިދުމަތް ފުރިހަމަކުރުމަށްފަހުގައެވެ. މިއަހަރުގެ ނިޔަލަށް މަގުތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.



