ގައުމީ އެއާލައިން، މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރާ ދެވަނަ ވައިޑް ބޮޑީ ބޯޓު މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ހާމަކޮށްފިއެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މި ބޯޓު ގެނައުމުގެ އަމަލީ މަސައްކަތްތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އިޔާސް ވިދާޅުވި ގޮތުގައި ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ބޯޓު ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ލަސްވީ އެއާބަސް އޭ330-200 މަރުކާގެ ބޯޓުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބޯޓެއް ހޯދުމަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން، މި އަހަރު ނިމުމުގެ ކުރިން ބޯޓު ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދެވަނަ ވައިޑް ބޮޑީ ބޯޓު ގެނައުމާއެކު މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކޮށް، އާ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވަނީ ރޭވިފައެވެ.
“ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާ އާއި ސައުތު ކޮރެއާ އަށް ދަތުރުތައް ފެށުމަށް،” އިޔާސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.
މޯލްޑިވިއަނުން ފުރަތަމަ ވައިޑް ބޮޑީ ބޯޓު ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ ބޯޓު ބޭނުންކޮށްގެން މިހާރު ޗައިނާ، އިންޑިއާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކަށް ދަތުރުތައް ކުރަމުންދާއިރު، ހައްޖުވެރިން ސައޫދީ އަރަބިއްޔާއަށް އުފުލުމުގައި ވެސް އެ ބޯޓުގެ ބޭނުން ވަނީ ހިފާފައެވެ.



