ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްކައުޓުންނަށް ތަހުނިޔާ އާއި ޝުކުރުގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީއާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ކޮށްދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރައްވާކަމަށް ވިދާޅުވެފައެވެ.
އަދި ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރައްވާ، މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއްކަމަށެވެ. އަދި ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލެއްވީ، ރާއްޖެއަށް އަންނަމުންދާ ތަރައްގީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށް ދެކިލައްވާކަމަށް ވިދާޅުވެ، ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގަތެވެ.



