މާލެ ސިޓީގެ ވިލިމާލެއާ ދިމާ ބޭރުން މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ 9:45 އާއި 10:15 އާ ދެމެދުގެ ވަގުތެއްގައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާ ދިމާ ކަނޑުގެ ސަރަހައްދުގައެވެ.
މި ހަރަކާތް ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓުގެ މުއްދަތަކަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.



