ދުންފަތުގެ ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ އަޒުމް ސަރުކާރުން އައުކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އީ-ސިނގިރޭޓު މަނާކުރުމާއި، ދުންފަތާ ދެކޮޅަށް “ޖެނެރޭޝަނަލް ބޭން” ތަންފީޒުކުރަން ފެށި ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވުމުގެ ޝަރަފު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނާއި ތަފާތު ރަހަތަކުގެ ނިކޮޓިން ޕައުޗްތައް މެދުވެރިކޮށް ޒުވާނުންނަށް އަމާޒުކޮށް ހިންގާ އިސްތިހާރުތަކަށް ސަރުކާރުން ހުޝިޔާރުވެ ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވާ ސިސޭޝަން ކްލިނިކްތައް ގާއިމުކުރުމާއި، ދުންފަތް މަނާ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުން ފަދަ މުހިންމު ގާނޫނީ ބަދަލުތަކެއް މިހާރުވެސް ވަނީ ގެނެސްފައެވެ. މި ފިޔަވަޅުތަކަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދުންފަތުން ރައްކާތެރިވެފައިވާ ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.



