މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން މި ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ. ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ފުރިހަމަކޮށް މިހާރު ޙައްޖުވެރިން ތައްޔާރުވަމުންދަނީ މަދީނާއަށް ދަތުރުކުރުމަށެވެ. މަދީނާ ދަތުރަކީ ޙައްޖުގެ އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވިނަމަވެސް، އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށް އަންގާރަ ދުވަހުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެއެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ ދެ ފްލައިޓާއި ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދެ ފްލައިޓެވެ. އެގޮތުން އެންމެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވާ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައެވެ. މި ދަތުރު ކުރާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެއްގައެވެ.
ދެވަނަ ފްލައިޓް މި މަހުގެ 7 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 17:40 ގައި މޯލްޑިވިއަންގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ފްލައިޓް އަންނާނީ މި މަހުގެ 8 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަދި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވާ އަންގާރަ ދުވަހުގެ ދަންވަރު 12:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ޙައްޖު ކޯޓާގެ ދަށުން މިއަހަރުވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ. ޙައްޖު ކޯޓާގެ ދަށުން މީހުން ފޮނުވުމުގައި ޢަމަލުކުރަމުންދަނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



