ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ތަކެތީގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މައުލޫމާތުގެ އަލީގައި މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތުން ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މި ދާއިރާއިން ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރުގައި މި ދުވަސް ފާހަގަކުރާއިރު، ޣައްޒާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހާލަތު ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެމަނިކުފާނު ވަނީ މިފަދަ ބައިނަލްއަގުވާމީ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައި، ވަރުގަދަ މިންގަނޑުތަކާއެކު އެންމެނަށް ރައްކާތެރި މުސްތަގުބަލެއް ކަށަވަރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.



