ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ޒުވާނުން ބިނާކުރުމުގެ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް 352 ޒުވާނުން ފުރައިފިއެވެ. މި ޒުވާނުން ތަމްރީނު ފުރިހަމަކުރާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ލީޑަރޝިޕް، ހަށިހެޔޮކަން އަދި ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދިނުމަށް ވަނީ ރޭވިފައެވެ.
މި ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން 115 ރަށަކަށް ނިޞްބަތްވާ ޒުވާނުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 އަންހެން ބައިވެރިންނާއި 288 ފިރިހެން ބައިވެރިންނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ބައިވެރިވާ، ޝާމިލު ޕްރޮގްރާމެކެވެ.
ސަރުކާރުގެ ޒުވާނުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ އާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ މި ޙަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެކެވެ.
މި ތަމްރީނުތަކަށް ފުރި ޒުވާނުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުރިހާ ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



