ދިވެހިރާއްޖޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތް އެޅުމަށް ކަނޑައަޅާފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ.
ހުޅުމާލޭގެ ފޭސް ދޭއް އަދި ފޭސް ތިނެއް ގުޅޭ ސަރަހައްދުގައި ބިނާކުރާ މި މިސްކިތަކީ ގިނަ ވަސީލަތްތަކެއް އެކުލެވޭނެ ބޮޑު ކޮމްލެކްސްއެކެވެ. މި މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އިސްލާމީ ތަޢުލީމާއި ސަގާފަތާ ގުޅުންހުރި އެހެނިހެން މުހިންމު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ.
މި ބޮޑު މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމެވެ
މި ބޮޑު މިސްކިތް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މުހިންމު ވަޢުދުފުޅެކެވެ. .



