ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ހުޅުމާލޭ އޮރެންޖު ހިޔާގައި ހުންނަ ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ދަށުން ހިންގާ އެ ސެންޓަރުގެ އެކި ދާއިރާތައް ބައްލަވާލައްވައި، އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ބަލިމީހުން ބައިތިއްބާ ވޯޑާއި، ލޭ ހަދިޔާކުރާ މީހުންނަށް ހާއްސަ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ މިހާރުގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހެލްތް މިނިސްޓަރު ގީލާ އަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. މި ދަތުރުފުޅުގައި ޗީފް ގަވާންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާއާއި މާލީ އެހީތެރިކަމުގެ އިތުރުން، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި އެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމަކީ ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާނެ ޒިންމާދާރު މަސައްކަތެކެވެ.
މިއަދަކީ ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ވަނީ ލޭ ހަދިޔާކުރާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



