މާލޭގެ ބަސް ދަތުރުކުރާ މަގުތަކާއި، ހާއްސަކޮށް މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، މި މަސައްކަތަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ފުލުހުން ފިޔަވަޅު އަޅަމުންދާއިރު، ގާނޫނާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ. މިއީ މަގުމަތީގެ ގަވާއިދުތަކަށް އާންމުން އަހުލުވެރިކުރުވައި، ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ.
މަޖީދީމަގަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގަށްވާއިރު، އެ މަގުގައި ހުންނަ ފިހާރަތަކަށް ވަންނަ ފަރާތްތަކުން ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކުރުމަކީ އާންމު ކަމެކެވެ. ވަކިން ހާއްސަކޮށް އެމްޓީސީސީގެ ބަސް މަޑުކުރާ ސަރަހައްދުތަކުގައި އުޅަނދުތައް ބެހެއްޓުމުގެ ސަބަބުން ބަސް ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މުޅި މަގުގެ ދަތުރުފަތުރަށް ބުރޫއަރަމުންދާކަން ފާހަގަކުރެވެއެވެ.
މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަމުންދާ މިފަދަ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.



