ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިއްޔެ ވަނީ އިފުތިތާހުކޮށްފައެވެ. ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ދިފާއީ އަދި ވަޠަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގިރިފުށީގެ މިހާރުގެ ބިމަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު ތަމްރީނުތަކަށް ބޭނުންކުރާ ސަރަހައްދު ބޮޑުވެ، ރަށް ގިރުން ހުއްޓުވުމަށް ރިވެޓްމަންޓާއި ބޭރުތޮށި ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި އުޅަނދުފަހަރު ލަފާފުރުމުގެ ފަސޭހައަށްޓަކައި އެލް-ބްލޮކް ކީ-ވޯލް އާއި ދެ ޖެޓީ ތަރައްގީކުރުމުގެ އިތުރުން، މިހާރު ހުރި 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ނިމުމުން، ދެން އޮންނަ މަރުހަލާގައި ގިރިފުށީގައި ހުރިހާ ވަސީލަތްތަކެއް ހިމެނޭ ޒަމާނީ ތަމްރީން މަރުކަޒެއް ބިނާކުރެވޭނެއެވެ. މި ތަނަކީ ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” ޕްރޮގްރާމްގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާނެ ރަށެވެ. މީގެ އިތުރުން އޮފިސަރ ޓްރެއިނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ވެސް މި މަޝްރޫއުގެ ތެރެއިން ފުރިހަމަވެގެންދާނެއެވެ.



