ދުނިޔޭގެ އެންމެ ބާރަށް ހަޅޭއްލަވާ މީހާގެ ގޮތުގައި އޮސްޓްރޭލިއާގެ ކެންބެރާއަށް ނިސްބަތްވާ ޖޯސެފް މެކްގްރެއިލް-ބޭޓަޕް، ގިނިސް ވޯލްޑް ރެކޯޑްސްއިން ބަލައިގަނެފިއެވެ. އުމުރުން 58 އަހަރުގެ މި މީހާ މި ރެކޯޑު ގާއިމުކުރީ 122.4 ޑެސިބެލްގެ ބާރުމިނުގައި “ނައު” އޭ ކިޔައި ހަޅޭއްލަވައިގެންނެވެ.
މީގެ ކުރިން މި ރެކޯޑު އޮންނަނީ ނޮދަން އަޔަލޭންޑުގެ ސްކޫލް ޓީޗަރެއް ކަމަށްވާ އެނަލީސާ ފްލެނަގަން އަތުގައެވެ. އޭނާ 1994 ވަނަ އަހަރު މި ރެކޯޑު ހެދީ 121.7 ޑެސިބެލްގެ ބާރުމިނުގައި “ކުއައިޓް” އޭ ކިޔައި ހަޅޭއްލަވައިގެންނެވެ. މެކްގްރެއިލް-ބޭޓަޕް ހަޅޭއްލެވި އަޑުގެ ބާރުމިނަކީ އާންމުކޮށް ޖެޓް ފްލައިޓެއް ނައްޓާލާއިރު ނުވަތަ އެމްބިއުލަންސް ސައިރަންގެ އަޑާ އެއްވަރުގެ ބާރު އަޑެކެވެ.
މި ރެކޯޑާ ގުޅޭގޮތުން ވާހަކަ ދައްކަމުން މެކްގްރެއިލް-ބޭޓަޕް ބުނީ މިއީ ކުރިން ފަރިތަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާ އަކީ ދުނިޔޭގެ އެންމެ ބާރަށް ހަޅޭއްލަވާ ފިރިހެން މީހާ ކަމަށް ގަބޫލުކުރާ ކަމަށާއި، ފްލެނަގަންގެ ރެކޯޑު އަންހެނުންގެ ބައިގައި ދެމިއޮތުމަކީ އޭނާ އުފާކުރާ ކަމެއް ކަމަށެވެ.
“މިއަށް އަމަލީ ގޮތުން ފަރިތަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއް ލަފުޒު ބުނަންވެސް ހަތް ފަހަރު މަސައްކަތް ކުރަން ޖެހުނު. އޭގެ ފަހުން ދެ ދުވަސް ވަންދެން އަޑުވެސް ހުރީ ބެދިފައި،” އޭނާ ބުންޏެވެ.
މެކްގްރެއިލް-ބޭޓަޕް އަކީ ކެންބެރާގެ ރަސްމީ “ޓައުން ކްރަޔާ” އެވެ. މިއީ މުޖުތަމައުގެ އެކި ހަރަކާތްތަކުގައި ބާރަށް އަޑުގަދަކޮށް އިޢުލާންތައް ކުރާ މީހެކެވެ. އޭނާ މި ރެކޯޑު ހެދުމަށްޓަކައި އެކި ލަފުޒުތައް ބޭނުންކޮށްގެން ތަޖުރިބާ ކުރި ނަމަވެސް، އެންމެ ފަހުން އިޚްތިޔާރު ކުރީ “ނައު” މި ލަފުޒެވެ. މި ރެކޯޑު ހެދުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ މިދިޔަ މެއި މަހުގެ 2 ވަނަ ދުވަހު ކެންބެރާގެ ރޭޑިއޯ ސްޓޫޑިއޯއެއްގައެވެ.
މިއީ މެކްގްރެއިލް-ބޭޓަޕް ދުނިޔޭގެ ރެކޯޑެއް މުގުރާލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު އޭނާ ވަނީ ދުނިޔޭގެ އެންމެ ހަލުވިކޮށް ދުނި ޖެހުމުގެ ރެކޯޑެއް ވެސް ގާއިމުކޮށްފައެވެ. ނަމަވެސް އޭގެ ނުވަ މަސް ފަހުން 7 އަހަރުގެ ކުއްޖަކު ވަނީ އެ ރެކޯޑު މުގުރާލާފައެވެ. އޭނާ ބުނި ގޮތުގައި ރެކޯޑުތަކަކީ މުގުރާލަން ހުންނަ އެއްޗެއް ކަމަށާއި، އެހެން މީހަކު އޭނާގެ މި ރެކޯޑު މުގުރާލިޔަސް މައްސަލައެއް ނެތް ކަމަށެވެ.



