ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ތަފާތު އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ކ. ދޫނިދޫގައި ނައްތާލައިފިއެވެ. މި ތަކެއްޗަކީ ފުލުހުންގެ އެކި ޔުނިޓުތަކުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކާއި، ތުހުމަތުކުރެވޭ ފަރާތެއް ނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެއްޗެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ބަނގުރަލުގެ 364 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 78 ފުޅި ބަނގުރަލުގެ އިތުރުން 25 ދަޅު ބަނގުރަލެވެ. މީގެ އިތުރުން ބަނގުރަލާ ގުޅުންހުރި އެހެނިހެން ހަތް އައިޓަމެއް ވެސް މިއަދު ވަނީ ނައްތާލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިއީ ޖުމްލަ 21 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ހިފެހެއްޓިފައިވާ 13 އިންސިޑެންޓެއްގައި ހިމެނޭ ތަކެއްޗެވެ. މި ތަކެތީގެ ތެރޭގައި ޑްރަގް އެންފޯސްމަންޓް، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި ހިމެނެއެވެ.
މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެ ދަށުން އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.
މިގޮތަށް ނައްތާލެވެނީ ތަހުލީލު މަރުހަލާ އެއްކޮށް ނިމި، ގަވާއިދުން ނައްތާލުމުގެ ހުއްދަ ލިބިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.



