ވެނެޒުއެލާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ އެލޮއީނާ ރޮޑްރިގޭޒް ގޯމޭޒަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ ވަނީ ދަންނަވާފައެވެ.
ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށް އައި މި ބިންހެލުންތަކުގެ ތެރެއިން ފުރަތަމަ ލޮޅުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.2 ގައެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި 7.5 ގެ ބާރުމިނުގައި ދެވަނަ ލޮޅުމެއް އައިސްފައިވާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10،000 އާއި 100،000 އާ ދެމެދަށް އުފުލުން އެކަށީގެންވާ ކަމަށް އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭއިން ލަފާކުރެއެވެ. މި ކާރިސާއާ ގުޅިގެން އެ ޤައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
މި ބިންހެލުމުގެ ސަބަބުން ވެނެޒުއެލާގެ އެންމެ ބޮޑު ވައިގެ ބަނދަރަށާއި އާންމު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަދަރުސާތައް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، އެ ޤައުމުގެ އިޤުތިޞާދުގެ މައިނާރު ކަމުގައިވާ ތެލުގެ ސިނާއަތަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެނަމަ ތެޔޮ އުފައްދާ މިންވަރަށް އަސަރުކޮށްފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ގެއްލުންވި ސަރަޙައްދުތަކުގެ ހާލަތު އާންމު ހާލަތަށް ގެނައުމަށް ވެނެޒުއެލާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.



